ޚަބަރު

އެމްއެމްއޭއިން ގަވާއިދުތައް ބަދަލުކުރީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީ: މަޓީ

1

ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއި ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބަދަލު ގެނައީ ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަ ނުދީ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި, މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިއްޔެ ވަނީ ގެޒެޓުކޮށްފައެވެ.

އިއްޔެ ގެނައި ބަދަލާ އެކު ޑޮލަރު މާރު ކުރަން ޖެހޭނީ ޓޫރިސްޓު ފެސިލިޓީއަކަށް ޓޫރިސްޓުން އަންނަ މިންވަރަކުންނެވެ. އެގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރުކުރަން ޖެހެ އެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެއެވެ.

މި ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރީންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އެހެން ނަމަވެސް, މަޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ދޮގުކޮށްފައެވެ.

"އެމްއެމްއޭގެ އެދިވަޑައިގަތުމަކަށް މި ޖަމިއްޔާއާއެކު ބޭއްވުނު ބައްދަލުވުމުގައި, ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގައި ހިމެނުއްވުމަށް އެ އޮތޯރިޓީން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަކީ, މި ޖަމިއްޔާއަށް އެއްބަސްވެވޭނެ ކަންތައްތަކެއް ނޫން ކަމުގައި ވާނީ ދަންނަވާފައި. ގަވާއިދު ގެޒެޓު ކުރެވުނުއިރު, މި ޖަމިއްޔާގެ ފަރާތުން ހުށަހަޅި އެއްވެސް ކަންބޮޑުވުމަކަށް އެމްއެމްއޭގެ ފަރާތުން އިޖާބަ ދެއްވާފައި ނުވާކަން ފާހަގަކުރަން," މަޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟