ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މިދިޔަ މަހުގެ ނިޔަލަށް 36،000 އަށް ވުރެ ގިނަ ގަސް އިންދައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް އެ ކުންފުނިން ފަށާފައިވާ ހަރަކާތުގެ ދަށުން، ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި 36،825 ގަސް އިންދައިފައިވާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުން ކަމަށެވެ.
"މިއީ ޝައްކެއް ވެސް ނެތް ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ އަދި ތިމާވެއްޓަށް ދާއިމީ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް،" ފަހުމީ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން 30 ރަށަކަށް ހިދުމަތް ދެއެވެ.
ސްޓެލްކޯއިން އެންމެ ގިނަ ގަސް އިންދާފައިވަނީ ކ. ދިއްފުށީގައެވެ.