ޚަބަރު

ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރުގެ ގޮތުގައި ލިބޭ އާމްދަނީން ބައެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފި

މުހައްމަދު ސިމާއު

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފިއެވެ.

އެ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފެށުމުން 1 މާޗު 1987 އިން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު އުވުނީއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކިން ސިސްޓަމަށް ވެއްދުމުގެ މަގުސަދުގައި އެމްއެމްއޭގެ ބޯޑުން މިއަދު ފާސްކޮށް ގެޒެޓުކުރި އެ ގަވާއިދުގައި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރަކަށް ޑޮލަރު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެއެވެ. އެކަމަށް ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓް ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް އަދި އެނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެއެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެއެވެ.

އެ ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަސް ނިމި އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. މާނައަކީ މި ގަވާއިދަށް މިއަދު އަމަލުކުރަން ފެށި ނަމަވެސް ޓޫރިސްޓް ފެސިލިޓީއަކުން ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ވަކި ހާލަތްތަކެއްގައި އެއަށްވުރެ މެދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެއެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ބޭރުފައިސާ އިން ޓެކްސް ދެއްކުން
  • މާލީ އިދާރާއަކަށް ބޭރު ފައިސާ އިން ދަރަނި ދެއްކުން
  • ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް
  • އޮތޯރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމުތައް

އެ ގަވާއިދުގައި އިތުރަށް ބުނީ، ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އޮތޯރިޓީއަށް ވިއްކަންޖެހޭނެ ކަމަށެވެ. އަދި ބޭންކުތަކަށް މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ތަފުސީލު އެމްއެމްއޭއަށް ހުށަހަޅަންވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.