އިބްރާހިމް ޒަކީ
ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަސް އޮފިސަރުންގެ ތެރެއިން ތިން މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހަދައިފިއެވެ.
މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވައްދައިދިނުމުގެ ތުހުމަތުގައި ޖަލު އޮފިސަރުންތަކެއް ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެ މައްސަލައިގައި 13 ޖަލު އޮފިސަރުން ހައްޔަރުކުރި އިރު، އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވައިފައެވެ.
އޭގެ ތެެރެއިން ދައުވާކުރީ ފަސް މީހެއްގެ މައްޗަށެވެ. ހެކި ނެތުމުގެ ސަބަބުން ދެން ތިބި އަށް މީހުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ދައުވާކުރީ ރ. އުނގޫފާރު/ އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް އާއި ކ. މާފުށި/ ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ/ ތަރާނާގެ، އަލީ ނާޒިމްގެ އިތުރުން ގއ. ވިލިނގިލި/ ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ނ. ލަންދޫ/ ކާމިނީގެ، އަލީ އަސްފާގްގެ މައްޗަށެވެ.
މީގެ ތެރެއިން ޖިނާހާއި ހިޝާމްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.
ނާޒިމް އާއި ފަތޫހު އަދި އަސްފާގުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައިފައެވެ.
މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތު ވަކީލު ވިދާޅުވީ، އޭގެ ތެރެއިން ޖިނާހާއި ފަތޫހު އަދި އަސްފާގާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ވަކީލު ނުދެއްވައެވެ.
ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާ އެކު، ކުރިއަށް ދިއުމުގެ ކުރިން މައްސަލައިގެ ބައެއް ލިޔުންތައް ދިރާސާކުރަން ބޭނުންވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ. އަދި ލިބިފައިނުވާ ބައެއް ލިޔުންތައް ހޯދަން ބޭނުންވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެ ލިޔެކިޔުންތައް ހޯދުމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވަނީ ފުރުސަތު ދެއްވައިފައެވެ. އަދި ދިފާއަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން ޕީޖީ އޮފީހަށް ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ވަކީލުންނަށް ޖަވާބު ދޭން ވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާކުރި ފަސް މީހުންގެ ތެރެއިން ފަތޫހުގެ ވަކީލެއް ނެތުމުން ވަކީލަކު ހަމަޖައްސަން އޭނާއަށް ގާޒީ ފުރުސަތު ދެއްވިއެވެ.