ޚަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް، ދެ ގައުމުގެ ގުޅުން އިތުރަށް ވާނީ ބަދަހި: ރައީސް

މުހައްމަދު އިޝާން

ޗާއިނާއަކީ ރާއްޖޭގެ ތަރައްގީގެ އެއް ބައިވެރިޔާ ކަމަށާއި ޗާއިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރިސެޕްޝަންގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އިގުތިސޯދީ ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ވެގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލުކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުން ކަމަށެވެ. ރައީސް ވިދާޅުވީ ޗައިނާގެ ރައްޔިތުންނަކީ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި، އަދި ސާބިތުކަން މަތީގައި ތިބޭ ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އިތުބާރާއި އިހުތިރާމާއި ސިޔާދަތު ދެމެހެއްޓުމާ އަދި އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، ވިޔަފާރިއާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިވާން ބޭނުންވާ ކަމަށެވެ.

އަދި ވިދާޅުވީ މުސްތަގުބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.