އެޕްލިކޭޝަނެއް ބޭނުންކޮށްގެން ބޭންކު ޓްރާންސްފާގެ ސައްހަ ނޫން ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
އެގޮތަށް ވިޔަފާރުކުރުން އިތުރުވެފައިވާކަން ފާހަގަކޮށް މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ، އެގޮތަށް އޮޅުވާލައިގެން ބޭންކު ޓްރާންސްފާ ސްލިޕްތައް ފޮނުވާ ފަރާތްތަކުން، ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފާ ސްލިޕް އުފައްދަމުންދާކަން ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން އެފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެ ނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.