ޔޫކްރެއިން މީހާ މަރުވި މައްސަލައިގައި ހައްޔަރު ކުރި ބަސް ޑްރައިވަރު ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.
މިކަން ފުލުހުން ވަނީ ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ''ވަން އޮންލައިން'' އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ބަސް ޑްރައިވަރު ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ބަސް ޑްރައިވަރު ދޫކޮށްލާފައި ވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލައިގައި ބަސް ޑްރައިވަރު ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 3 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި އެ މުއްދަތު ހަމަވުމުން އިތުރު 7 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.
ބަސް ޑްރައިވަރު މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރުމަށެވެ.
ހުޅުމާލޭ އެފްއެސްއެމް ފިއުލް ސަޕްލައި ކައިރީ މި އެކްސިޑެންޓު ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
މިމަހުގެ 6 ވަނަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ 31 އަހަރުގެ ޔޫކްރެއިން އަަންހެނެކެވެ. މިހާރު މި އަންހެންމީހާގެ ހަށިގަނޑު ވަނީ އޭނާގެ ގައުމަށް ފޮނުވާލާފައެވެ.