ޚަބަރު

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި ރައީސް ފުރާވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.

ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު ފުރާވަޑައިގަތީ މިއަދެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ، ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވައިފައެވެ. އަދި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވައިފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދ. ގެ މެންބަރަކަށް ރާއްޖެ ވީ ފަހުން، ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުލޫއުތަކަށް އެތައް ތަގުރީރެއް ދެއްވައިފައެވެ. އަދި ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

މީގެ އިތުރުން ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި ތަގުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާއީ އިގުތިސޯދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުލޫއުތަކަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. އެގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާ ވެސް ބައްދަލު ކުރައްވާފައިވެއެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ "ޑީންސް ލީޑާޝިޕް ސީރީޒް" ގެ ދަށުން، ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ތަގުރީރު ކުރައްވައިފައެވެ. އޭގެ އިތުރުން، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތް ކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް މުއިއްޒު ނިއުޔޯކަށް ފުރާވަޑައިގަތީ މި މަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.