އެމެރިކާގެ، ގޫގުލް ކުންފުންޏާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކުންފުންޏާ މަޝްވަރާކުރައްވައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ ނިއުޔޯކުގައި ހުންނަ ގޫގުލް އޮފީހަށް ވަޑައިގެންފައެވެ.
ރައީސް، ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ގޫގަލް ޕަބްލިކް ސެކްޓާ ސީއީއޯ ކަރެން ދަހުތުއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ބައްދަލުވުމުގައި ރައީސް ވަނީ ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުކުރުމާއި ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އޭއައި ތައާރަފުކުރުމާ ގުޅޭގޮތުން ގޫގުލްއާ މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި ވަނީ ޑިޖިޓަލް ލިޓްރެސީ އިޝްތިހާރުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ޑޭޓާ ޑްރައިވް ސޮލިއުޝަންތަކާ ގުޅޭގޮތުން މަސައްކަތްކުރުމަށް ގޫގުލްގެ އިސްވެރިންނާ މަޝްވަރާކުރައްވާފައި ކަމަށެވެ.
އދ. އާންމު މަޖިލީހުގައި ތަގުރީރުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް އެ މަނިކުފާނުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ރާއްޖެއަކީ 1،000 އަށްވުރެ ގިނަ ރަށްތަކަށް ބެހިފައިވާ ގައުމެއްކަން އަދި ރާއްޖެއަކީ 90،000 އަކަކިލޯމީޓަރަށް ފެތުރިފައިވާ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ޑިޖިޓަލީ ރަށްތައް ގުޅިފައިވުމުކީ އަދި އެ ރަށްތަކަށް އިގުތިސޯދީ ހަރަކާތްތައް ގެނެސް، ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތް ކުރާނެ ކަމެއް ކަމަށެވެ. 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގުތިސޯދުގެ 15 ޕަސަންޓަކީ ޑިޖިޓަލް އިކޮނޮމީއަށް ހެދުމަށް މަސައްކަތް ކުރަމުންދަނީ އެއީ ކުރިމަގުކަން ޔަގީންވާތީ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ފަނަރަ ޕަސަންޓުގެ ޑިޖިޓަލް އިކޮނޮމީގެ ތަސައްވަރު ހަގީގަތަކަށް ހެދޭނީ އައިސީޓީ އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށްގެން ކަމަށްވުމުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ޒަރޫރީ ހިދުމަތްތައް ދިނުމަށް މަގުފަހިކުރަމުންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން ސިއްހީ ބައެއް ހިދުމަތްތަކާއި، މެޑިކަލް ސަޕްލައިއަށް ޑްރޯން ބޭނުން ކުރުމާއި 5ޖީ ޓެކްނޮލޮޖީއަށް ރާއްޖެއިން ދަނީ އިންވެސްޓް ކުރަމުން ކަމަށް އެ މަނިކުފާނުގެ ތަގުރީރުގައި ވިދާޅުވެފައިވެއެވެ.
އަދި ރަށްގިރުން ފަދަ ކަންކަން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މޮނިޓާ ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ރާއްޖެއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.