އިންޑިއަން ޕްރިމިއަރ ލީގުގެ ކާމިޔާބީއަށް ފަހު ރޯހިތު ޝަރްމާ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން ރޯހިތު ޝަރްމާ، އަންހެނުން ރިޓިކާ ޝަރްމާ އަދި ދަރިފުޅު ސާމިރާ އާއި އާއިލާގެ ގިނަ މެމްބަރުންނާއެކީ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރާއްޖޭގެ ރީތި ރިޒޯޓު، ޑަބްލިއު މޯލްޑިވްސްގައެވެ.
އައިޕީއެލް ގައި މުމްބާއީ އިންޑިއަންސްގައި މޮޅު ކުޅުމެއް ދެއްކި ރޯހިތު ޝަރްމާ ޗެމްޕިއަންކަން ހޯދީ އެމްއެސް ދޯނީގެ ޓީމް ޗެންނާއީ ސުޕަރ ކިންގްސް ބަލިކުރުމަށް ފަހުގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ދެން ރޯހިތު ޝަރްމާ މިސްރާބުޖަހާނީ މިމަހުގެ 30 ގައި ފަށާ އައިސީސީ ކްރިކެޓް ވޯލްޑް ކަަޕް 2019 ގައި ބައިވެރިވުމަށެވެ.
ރޯހިތު ޝަރްމާ އަދި އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރުތައް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ރޯހިތު ޝަރްމާގެ ޗުއްޓީ ނިންމާލުމަށްފަހު ރާއިޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަދުވަހުއެވެ.