ޚަބަރު

ޕްރިންސްޓަން ޔުނިވާސިޓީގައި ރައީސްގެ ތަގުރީރެއް، ދެއްކެވީ ރާއްޖޭގެ ތަރައްގީގެ ކާމިޔާބީގެ ވާހަކަފުޅު!

މުހައްމަދު އިޝާން

ދުނިޔޭގެ ރޭންކިންގައި 17 ވަނައިގައި އޮތް އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަގުރީރެއް ދެއްވައިފިއެވެ.

ޕްރިންސްޓަން ޔުނިވާސިޓީއަކީ ބިލިނިއަރު އަދި އެމެޒަންގެ ފައުންޑަރު ޖެފް ބެރޮޒް، އެމެރިކާގެ ކުރީގެ ރައީސް ވޫޑްރޯ ވިލްސަންގެ އިތުރުން އެމެރިކާގެ ސަރުކާރުތަކުގެ ގިނަ އިސްވެރިންތަކެއް ތައުލީމު ހާސިލުކުރެއްވި ޔުނިވާސިޓީއެވެ.

އެ ޔުނިވާސިޓީގައި ރައީސް ދެއްވި ތަގުރީރުގައި ވަނީ ރާއްޖެއާ ބެހޭގޮތުންނާއި ރާއްޖޭގެ ސްޓްރެޖެޓިކް ލޮކޭޝަންގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެމެރިކާގެ ރައްޔިތުން ބޭނުންކުރާ ގިނަ ތަކެއްޗަކީ ރާއްޖެ ހުރަސްކޮށް ދާ ބޯޓުތަކުގައި އެމެރިކާއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ މުހިންމު ސަރަހައްދެއްގައި އޮތް ކުޑަ ގައުމެއް ކަމަށެވެ. ޕްރިންސްޓަން ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ކިޔަވާ ދަރިވަރުން ތިބި އެ ފޯރަމުގައި ރައީސް ވިދާޅުވީ ގައުމެއްގެ ސައިޒާއި ގައުމެއްގެ މުހިންމުކަން އަބަދު އެއްގޮތް ނުވާނެކަން ދަރިވަރުންނަށް އެނގޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ ފާހަގަވެފައިވަނީ ރާއްޖެ އޮތް ސްޓްރެޖެޓިކް ލޮކޭޝަންގެ ސަބަބުން ނޫން ކަމަށާއި ރާއްޖެ ފާހަގަވެފައިވަނީ ހޯދި ތަރައްގީގެ ކާމިޔާބުތަކުގެ ސަބަބުން ކަމަށެވެ.

"މީގެ 59 އަހަރުކުރިން ރާއްޖެއަށް މިނިވަންކަން ލިބުނީ. އެއިރު ރާއްޖެއަކީ ކުޑަ އަދި ފަގީރުކަން އިންތިހާއަށް އޮތް ގައުމެއް. ގިނަ މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތެއް ނޭނގޭ. މިނިވަންކަމުގެ ލިޔުން އދ. އަށް ހުށަހެޅުމުން، އދ.ގެ ވަފުދު ރާއްޖެ ހޯދީ އަލްމާނަކް ބޭނުންކޮށްގެން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުދު ދޮންވެލިގަނޑާ، ސާފު މޫދު، ކަނޑުގެ އަޑީގައިވާ މުރަކައިގެ ބަގީޗާތައް އެއީ މުޅު ދުނިޔެއަށް މަޝްހޫރު ކަންކަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ދެމެހެއްޓެނެވި ވިލުންވެރި ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނު ވަނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ، ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ ގައުމަކަށް ރާއްޖެ ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އެންމެ މުހިންމު ބަޔަކީ ފޮރިން އިންވެސްޓުމެންޓް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓް ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތާއި އިންވެސްޓުމެންޓުތަކަށް ރައްކާތެރިކޮށް ދިނުމުގެ މަސައްކަތް ފަށައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ މަޖިލީހުން ވަނީ އާ ފޮރިން އިންވެސްޓުމެންޓުގެ ބިލު ފާސްކޮށްފައި" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ދަނީ ޑިޖިޓަލައިޒޭޝަނާއި އާޓިފިޝަލް އިންޓެލިޖެންސަށް އިންވެސްޓު ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން ޒުވާނުންނަށް ހާއްސަ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ލޯނު ދޫކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޓޫރިޒަމް އިންޑަސްޓްރީ ވެސް ފުޅާކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށާއި މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ހަވަނަ ގައުމަކީ އެމެރިކާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ހާސިލުކުރުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިތުރަށް ތަރައްގީކުރަން ފަށައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.