ހުޅުމާލޭގައި ހިންގަމުންދިޔަ ހަ ކެފޭއެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއެއް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެ ބިދޭސީންތައް އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެތަންތަނުން އަތުލައިގަތް ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔައިރު ނަގަންޖެހޭ ހުއްދަތައް ނުނަގައި ހިންގަމުންދިޔަ ތިން ކެފޭއަކަށް ކަމާ ގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ ފާއިތުވި ދިހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 4،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށް ގަވާއިދާ ހިލާފުވެގެން ޖުމުލަ 4054 ބިދޭސީއަކު ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބިދޭސީން ފޮނުވާލާފައިވަނީ މިދިޔަ ޖޫން މަހާއި މިމަހުއެވެ. މިދިޔަ ޖޫން މަހު 690 ބިދޭސީއަކު ފޮނުވާލާފައިވާ އިރު، މިމަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި 663 ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރުމަށް ވެސް ދާދިފަހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.