އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
ޔޫއެސްއެއިޑުން ނެރުނު ބަޔާނެއްގައި ބުނީ, ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ މީޑިއާ ލިޓްރެސީ ޕްރޮގްރާމިން ހަރުދަނާކުރުމަށާއި އިންފޮމޭޝަން ރެޒިލިއަންސް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން ޕަބްލިކް އަދި މީޑިއާގެ ދާއިރާގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އެ އެޖެންސީން ބުންޏެވެ.
އެ އެހީގެ ބާކީ ބައި ދޭން ނިންމާފައިވަނީ، ޑިމޮކްރެޓިކް ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ލޯކަލް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކާއި، އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށެވެ.
ޔޫއެސްއެއިޑުން ރާއްޖެއަށް 4.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ އިރު، އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއާ ބައްދަލުކުރައްވައިފައެވެ.
މީގެ ކުރިންވެސް ޔޫއެސްއެއިޑްގެ އެހީގައި ރާއްޖޭގައި ވަނީ އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ.