ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގްރޫޕް އެފްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މިއަދު ޔަމަނާ ދެކޮޅަށް ނުކުންނަ މެޗުވެސް ފަސޭހަ ނުވާނެ ކަމަށާއި، އިންޑޮނޭޝިއާ މެޗުގައި ފިޓްނަސް މައްސަލަ ދިމާވި ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
އިންޑޮނޭޝިއާ ޖަކާޓާގެ ގެލޯރާ ބަންގް ކާނޯ މަޑްޔާ ސްޓޭޑިއަމްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް އެފްގައެވެ. ގްރޫޕް މެޗުތައް އިންޑޮނޭޝިއާގެ ޖަކާޓާގައި ހޯސްޓް ކުރަމުން އަންނަ އިރު، އިންޑޮނޭޝިއާ އާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ޔަމަނާއި އީސްޓް ޓިމޯއެވެ.
"މި ގްރޫޕް ރޭންކް ކުރާއިރު، އެއްވަނައަށް އަހަރެން ނަގާނީ އިންޑޮނޭޝިއާ. އެއަށްފަހު ދެން އެންމެ ވަރުގަދަ ޓީމަކީ ޔަމަން. ޔަގީނުންވެސް ޔަމަނަކީ އަހަރެމެން ޓީމަށްވުރެ ވަރުގަދަ ޓީމެއް. އެހެންވިޔަސް އަހަރެމެންނަށް އަދި ފުރުސަތެއް ނުގެއްލޭ. އަހަރެމެންނަށް އުންމީދު އެބައޮތް. ޔަމަނު ކައިރީގައި ބުރަކޮށް މަސައްކަތް ކުރާނަން،" އެންމެފަހުން ރާއްޖެ ކުޅުނު މެޗަށްފަހު، ޔަމަނާ ގުޅޭ ގޮތުން ޝާކިއްޓެ ބުންޏެވެ.
ޝާކިއްޓެ ފާހަގަކުރީ އިންޑޮނޭޝިއަކީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެއީ އިންޑިވިޖުއަލީ ބެލިއަސް އެކަން އޮތް ގޮތް ކަމަށެވެ. އޭގެ އިތުރުން އިންޑޮނޭޝިއާއިން މާ ރަނގަޅަށް މުބާރާތަށް ތައްޔާރުވެ، މާ ރަނގަޅު ތަޖުރިބާތައް ހޯދި ކަމަށްވެސް ޝާކިއްޓެ ބުންޏެވެ.
އޭގެ އިތުރުން އޭނާ ބުނީ އެންމެފަހު މެޗުގައި ރާއްޖޭގެ ޓީމަށް ފިޓްނަސް މައްސަލަ ދިމާވި ކަމަށާއި، އެއީ މެޗުގެ ނަތީޖާ ދަށްކޮށް ފެނުނު އެއް ސަބަބު ކަމަށެވެ.
"ފުރަތަމަވެސް އިންޑޮނޭޝިއާއަށް މަރުހަބާ ކިޔަން. އަހަރެމެން ޕްލޭނާ އެއްގޮތަށް ކަންތައްތައް ދިޔައީ ފުރަތަމަ ހާފުގައި. އެހެންވިޔަސް ދެވަނަ ހާފުގައި އަހަރެމެންނަށް މައްސަލަތައް ދިމާވި. އޭގެ ތެރޭގައި ފިޓްނެސް މައްސަލަތަކެއްވެސް ދިމާވި. މި ޓީމާ އަލަށް ގުޅިފަ ތިބި ކުޅުންތެރިންގެ ވާހަކަ އަހަރެން ކުރިންވެސް ފާހަގަކުރިން. އެ ކުޅުންތެރިންނާ ކުރިން މުބާރާތް ކުޅުނު ކުޅުންތެރިންނާ ފިޓްނެސް ވަރަށް ބޮޑަށް ތަފާތުކޮށް ފެނިގެން ދިޔައީ،" ޝާކިއްޓެ ބުންޏެވެ.
ރާއްޖެއާއި ޔަމަން ގްރޫޕް އެފްގައި ކުޅޭ ކޮލިފައިން މެޗު އޮންނާނީ މިއަދު މެންދުރުފަހު ރާއްޖެގަޑިން 1:00 ގައެވެ.