ޚަބަރު

ސްކޭމްތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދިއްޖެ: ފުލުހުން

އިބްރާހިމް ޒަކީ

ސްކޭމްތަކުގައި އެކި މީހުންގެ އަތުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަދަދަކީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ހޯދި ފައިސާ ކަމަށެވެ. ގިނަ ބަޔަކު ހިޔާނާތްތެރިންގެ ޝިކާރައަކަށްވެ އެ މީހުންގެ ސްކީމްތަކުގައި ޖެހެމުން ދިއުމަކީ ހިތާމައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމުގެ އިތުރުން، އެކަމަށް ސަމާލުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހާއްސަކޮށް ސްކޭމްތައް ހުއްޓުވުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ފުލުހުންގެ އިދާރާގައި ވަނީ ގާއިމުކޮށްފައެވެ.

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މިއަހަރުގެ ޖުލައި މަހާ ހަމައަށް 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރު، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، 500 އަށްވުރެ ގިނަ ބޭންކު އެކައުންޓު ބްލޮކް ކުރުމުގެ އިތުރުން 782 ޑިވައިސް ނެޓްވޯކުން ބްލޮކްކޮށް، 297 ސިމްކާޑު ޓާމިނޭޓް ކޮށްފައިވާ ކަމަށެވެ. އަދި 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 156 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.