އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެ މީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީން އޮން އެޑްރެސިން އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއް ނުވެ ދެމި ތިބޭނެ ކަމަށެވެ.
ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް އެދިވަޑަގެން ތިން ކަމެއް ފާހަގަކުރައްވައިފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް އިގުތިސޯދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ހިމާޔަތް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމައުތައް ބާރުވެރިކޮށް، ސަގާފީތާއި ތަރިކަ އަދި އަމިއްލަވަންތަކަން ހިމާޔާތްކުރުމުގެ މުހިންމުކަން އެ މަނުފާނު ފާހަގަކުރެއްވިއެވެ.
ފަހުކަމެއްގެ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ގައުމެއް ގިނިކަންޏާ ކުރިމަތިލައި، ހައްލު ހޯދަންޖެހިގެން ނުވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި މުޅި ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުތަށް ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަގާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަގުބަލެއް ހޯދައިދިނުމަށް ހަރުދަނާ ގޮތްތަކެއް ނިންމަން ޖެހޭ ކަމަށެވެ.