ޚަބަރު

މޫސުމީ ބަދަލުތަކާއެކު ވެސް ދިވެހިން ތިބީ ގައުމު ދޫކޮށް ހިޖުރަކުރާ ގޮތަކަށް ނޫން: ރައީސް

މުހައްމަދު އިޝާން

ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ނުރައްކާތަކާއެކު ވެސް ދިވެހިން ތިބީ ގައުމު ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރާ ގޮތަކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ "ހައި ލެވެލް މީޓިން އޮން ސީ - ލެވެލް ރައިޒް: އިންޓަރެކްޓިކް ޑައިލޮގް 3: ލިވްލިހޫޑްސް، ސޯޝަލް އިކޮނޮމިކް ޗެލެންޖެސް އެންޑް ކަލްޗަރަލް އެންޑް ހެރިޓޭޖް އިން ރިލޭޝަން ޓު ސީ - ލެވެލް ރައިސް" ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ރާއްޖެއަށް އެކަމުގެ އިންތިހާ ދަރަޖަ ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ 80 ޕަސަންޓަށްވުރެ ގިނަ ރަށްތަކަކީ ކަނޑުގެ ސަތަހައިގެ އެންމެ މީޓަރެއް އުހުގައި ހުރި ރަށްތަކެއް ކަމަށެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށް ގާތްކުރާ އަދަދެއްގެ މީހުން އުޅެނީ ހޭޅިފަށާ 100 މީޓަރު ދުރުމިނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ 1987 އިން ފެށިގެން މިކަމުގެ އެލާމު އަޅަމުން. އެކަމަކުވެސް މައްސަލަވީ ހައްތަހާ ގޯސް. އިއްޔެ ބޭއްވި ޕްލިނެރީގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާނެ ކަންކަމުގެ ވާހަކަ ދައްކަވައިފަ. އަޅުގަނޑުމެންނަށް އަޑުއިވުނު އިގުތިސޯދީ ގޮތުން ގެއްލުންތަކެއްވި ވާހަކަ. ކާނާގެ ރައްކާތެރިކަމާއި ފެނުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ ވާހަކަ އިވުނު. އަދި މަޖުބޫރުން ހިޖުރަކުރަން ޖެހިދާނެ ކަމުގެ ވާހަކަތައް އަޑުއިވުނު،" ރައީސް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑު ބޭނުން ސާފުކޮށްލަދޭން، އެއްވެސް ދިވެހި ރައްޔިތެއް ރުހުމުގައި ގައުމަކާއި ރަށް ދޫކޮށްނުލާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރަށްތައް ސަލާމަތްކުރުން. އިންޝާﷲ އަޅުގަނޑުމެންނަށް އެކަން ކާމިޔާބުކުރެވި، ސަލާމަތްކުރެވޭނެ،"

ރާއްޖޭގެ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ތަރިކަ ގެއްލިގެންދާތަން ބަލަން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތަރިކަ ހިމާޔަތްކުރުމަށް ދައްކާ ވާހަކައަކަށްވުރެ މުހިންމީ އެކަން ކުރެވޭނެ ވަރުގަދަ ސިޔާސަތަކާއި، ވަސީލަތްތައް އަދި ބިނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޖުތަމައު ބާރުވެރިކުރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1.5 ޑިގްރީ އަމާޒަށް ވާސިލުވުމަށް ވެސް ބައިނަލްއަގުވާމީ އެހީ ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކުގެ ހޭޅިފަށް އެކަނި ހިމާޔަތްކޮށްގެން 1.5 ޑިގްރީގެ އަމާޒު ހާސިލުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ގިނަ ރައްޔިތުންގެ ދިރިއުޅުން ގުޅިފައިވަނީ ކަނޑުގެ ވަސީލަތްތަކަށް ކަމަށްވުމުން، އެ ވަސީލަތްތައް ހިމާޔަތްކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލޮނުގަނޑު އުފުލޭ ވާހަކަތައް ދައްކާއިރު ހާލުގައި ޖެހިފައިވާ ކޮމިއުނިޓީތައް އެއްކައިރި ކޮށްގެން ނުވާނެ ކަމަށެވެ.

"ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ވަކި ގައުމެއްގެ ސަބަބުން ދިމާވާ ކަމެއް ނޫން. އެއީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލައެއް. ވަކި ގައުމެއް އެކަނި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާއާ ކުރިމަތިލައިގެން ނުވާނެ. މިކަމާ ބެހޭގޮތުން ހައި ލެވެލް ބައްދަލުވުންތައް އދ.އިން މެދުވެރިކޮށް ބާއްވައި އިތުރު މަޝްވަރާތައް ބާއްވަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައާއި އެކަމުގެ ނުރައްކާ މީގެ 30 އަހަރު ކުރިން ދައްކައިފައި ކަމަށާއި އަދިވެސް ރާއްޖެއަށް މި ޖެހެނީ ހަމަ އެ ވާހަކަތައް ދައްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ވާހަކަދެއްކުމުގެ ބަދަލުގައި ކަންކަން އަމަލުން ދައްކަންވީ ވަގުތު،" ރައީސް ވިދާޅުވިއެވެ.