ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރައީސް އަވަހާރަކޮށްލާނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނީ، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ. އެ ކޮމެންޓު ކޮށްފައިވަނީ "އަބްލޯ މިޔާދް ޔޫސުފް"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސަށް ސީރިއަސް އިންޒާރުތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދިނުން ފަދަ ސީރިއަސް މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެ މައްސަލަތަކުގައި ފުލުހުން އެންމެ އެދެވޭ ފިޔަވަޅުތައް ނާޅާ ކަމަށްބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.