އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ބޮބް ހޯކް އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިދިޔަ ބުރާސްފަތި ދުވަހު ބޮބް ހޯކް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.
އަދި ބޮބް ހޯކަކީ ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ސާބިތުވެ ހުންނެވި، އެންމެންނާވެސް ގުޅޭ އޯގާތެރި ވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޮބް ހޯކް ސިފަ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިޖުތިމާއީ އަދި ތިމާވެށީގެ ދާއިރާއިން ބޮބް ހޯކް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު، އޮސްޓްރޭލިޔާގެ ރައްޔިތުންނާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަބަދުވެސް ހަނދާން އާކުރަމުންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި އޮސްޓްރޭލިޔާގައި ފަގީރުކަން ނައްތާލުމަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަށީގެންވާ އުޖޫރަ ކަނޑައެޅުމަށް ބޮބް ހޯކް ކުރައްވާފައިވާ މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮބް ހޯކް އަކީ އޮސްޓްރޭލިޔާގެ ސިޔާސީ މަޝްރަހުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެން، އެތައް ގޮތަކުން އެގައުމު ހަރުދަނާކުރަން ގިނަ އަހަރުތަކެއްގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރުގެ އާއިލާއަށާއި، ރަހުމަތްތެރިންނަށާއި، މިހިތާމައިގައި ޝާމިލުވާ އޮސްޓްރޭލިޔާގެ ހުރިހާ ރައްޔިތުންނަށް އިޚްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.