ޚަބަރު

ހުޅުމާލޭގައި ބަހައްޓާ 17 މޮނިއުމަންޓް ޑިޒައިން ކުރަން މުބާރާތެއް، އެއްވަނައަށް 100،000ރ.

1

ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރަން މުބާރާތެއް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ދިވެހި އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓުންނަށް އެފަދަ މުބާރާތެއް ހުޅުވާލުމުގެ ބޭނުމަކީ ދިވެހި ފަންނުވެރިންގެ ބައިވެރިވުމާ އެކު، "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް ރާއްޖޭގެ ސަގާފަތާއި އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުން ކަމަށެވެ.

އެގޮތުން ޕްރޮފެޝަނަލް އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުން އެ ދާއިރާތަކުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އެ މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ ފަސް މީހުންގެ ގްރޫޕަކުން ވެސް ޑިޒައިންތައް ހުށަހެޅިދާނެއެވެ. އަދި ޑިޒައިން ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

އެ މުބާރާތަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭންވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024ގެ މެންދުރުފަހު 3:00 އެވެ. ޑިޒައިންތައް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން އަދި އީމެއިލް މެދުވެރިކޮށް ވެސް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟