އިބްރާހިމް ޒަކީ
މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ނުދިން މައްސަލައިގައި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ނިންމާފައި މިވަނީ، މި ދައުވާގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގައި އެ މައްސަލަ ހައްލު ނުވުމުންނެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ފަސް ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.
ސިސިލްފަރު ގްރޫޕުން ކޯޓަށް ހުށަހަޅާފައިވަނީ، އެ ގްރޫޕުތަކަށް ހުއްދަ ދިނުމުގައި މިނިސްޓްރީން އިވެލުވޭޓް ކޮށްފައި ވަނީ ގޯސްކޮށްކަމަށް ކަނޑައަޅައި އިވެލުވޭޝަން ބާތިލް ކުރުމަށެވެ.
މިއަހަރު މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައިވަނީ، ކުންފުނިތަކުން ހުށަހެޅުންތައް ހުށަހެޅުމުން، ހަދާ އިވެލުއޭޝަނަކަށް ފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ކުންފުނިތަކަށެވެ. އެ އިވެލުއޭޝަންގައި ސިސިލްފަރު ގްރޫޕު އޮތީ ހަތް ވަނައިގައެވެ. އެހެންކަމުން އެ ކުންފުންޏަކަށް ހުއްދައެއްނުދެއެވެ.
ސިސިލްފަރު ގްރޫޕުން ބުނެފައިވަނީ، މެދު ނުކެނޑި 35 އަހަރު ވަންދެން ދިވެހިން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައި ވަނިކޮށް، މިފަހަރުގެ އިވެލުވޭޓްގައި، އެބައިން އެއްވެސް ޕޮއިންޓެއް އެ ގްރޫޕަށް ދީފައިނުވާ ކަމަށެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ޕޮއިންޓު ދީފައި ވަނީ ޕޮއިންޓު ދޭން ޖެހޭ ގޮތާ ހިލާފަށް ކަމަށާއި، އެ ކުންފުނިތަކަށް ހުއްދަ ދީފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އެބައިން ސިސިލްފަރަށް ޕޮއިންޓެއް ލިބިފައި ނުވަނީ ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅާފައިނުވާތީ ކަމަށާއި މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި އެކަމުގައި އެއްވެސް މައްްސަލައެއް ނޫޅޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދިން އަމިއްލަ ގްރޫޕުތަކުގެ ތެރޭގައި ހިމެނެނީ، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް އާއި ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.