އެންމެން ވެސް ބޭނުންވަނީ އެއްބަސްވުންތަކަށް އަމަލުކުރެވޭނެކަން ޔަގީންވާ އދ. އެއް ކަމަށާއި ވާނުވާގައި އޮންނަ އދ. އެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިރޭ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދެވެނީ އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިގެން ކަމަށެވެ.
އަޅުގަނޑުމެން ދަތުރުކުރަމުންދާ އުޅަނދު މިދަނީ ނުރައްކަލުގެ ރަނގަބީލު އަޅަމުން. އުޅަނދު މިދަނީ ފެތެމުން. އަޅުގަނޑުމެން ބޭނުންވަނީ އެންމެންނަށް އެއްބަސްވެވޭ އަދި އަމަލުކުރެވޭނެކަން ޔަގީންވާ އދ. އެއް. ވާނުވާގައި ނުވަތަ އޮޅުންބޮޅުމެއްގައި އޮތް އދ. އެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އދ. ގެ ރިޒޮލިއުޝަންތަކާއި ނިންމުންތަކަށް ހުރިހާ ގައުމުތަކުން އަމަލުކުރަން ޖެހޭ ކަމަށެވެ. އެކަމަށް ކުޑަ ގައުމެއް، ބޮޑު ގައުމެއް އިސްތިސްނާ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިޒްރޭލުން ދަނީ ކަނޑައެޅިގެން އދ.ގެ ނިންމުންތަކާ ހިލާފަށް އަމަލުކުރަމުން ކަމަށާއި ނަމަވެސް އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކަށް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުތަކުގެ ލީޑަރުން އެއްތަނަކަށް އެއްވެ ކަންތައްތަކަށް އެއްބަސްވި ނަމަވެސް އެ އެއްބަސްވުންތަކަށް އަމަލު ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ވިޔަދީގެން ތިބެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ އެފަދަ ހުރިހާ ޓްރީޓީތަކާއި އެއްބަސްވުންތަކަށް އަމަލުކުރުމުގެ އިހުތިރާމު ލިބިގެންވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި އަޑު އުފުލަނީ އެކަމުގެ ނުރައްކާ ވަޒަން ކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ގަބޫލުކުރަނީ އެއްވެސް ބައެއްގެ ހައްގަކަށް އަރައިގެންފިނަމަ އެކަމެއްގެ އަދަބު ލިބެން ޖެހޭ ކަމަށާއި އެއީ ބޮޑު ގައުމަކަށް ވިޔަސް، ކުޑަ ގައުމަކަށް ވިޔަސް އެކަން ބަލައިގަނެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2015 ވަނަ އަހަރު ހުރިހާ ގައުމުތަކުން އެއްވެ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އާއެކު އަމާޒުތަކެއް އެކުލަވާލި ނަމަވެސް، ހަ އަހަރުގެ ތެރޭގައި އެކަންކަން ހާސިލުކުރެވިފައި ނުވާ ކަމަށެވެ.
"މި ހަފުތާގައި އަޅުގަނޑުމެން މި އެއްބަސްވީ ކުރިމަގަށް ކަންކަން ހާސިލުކުރުމަށް. އެކަމުގެ ޑޮކިއުމަންޓުތައް އަދި އެބަ ބޭނުންވޭ. މި އެއްބަސްވުމަށް 2015 ވަނަ އަހަރުގެ އެސްޑީޖީއަށް ވީ ގޮތަށް ވެގެން ނުވާނެ. އަޅުގަނޑުމެންނަށް އެގޮތަށް އެކަން ކުރެވޭޭކަށް ނެތް. އަޅުގަނޑުމެން އަބަދު ބައްދަލުވުންތައް ބާއްވައި، ވާހަކަތައް ދައްކައި، ހަމައެކަނި އެއްބަސްވުންތައް ހަދައިގެން ތިބެވޭކަށް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދުވަސްތައް އެނބުރި އައިސް، ބިރުވެރިކަމަކަށް ދާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި މިހާރު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ. އަދި ހައްގުތައް ރައްކާތެރިކުރުމަށް އެ ހައްގުތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.