ޚަބަރު

އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ޓެރަރިޒަމްގެ އަމަލެއް، ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ރައީސް

އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެ މައްސަލައިގައި އިސްރާއީލަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި މިރޭ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކިތަންމެ ކުޑަ ގައުމެއް ނުވަތަ ކިތަންމެ ބޮޑު ގައުމެއް ނުވަތަ މުއްސަނދި އަދި ފަގީރު ގައުމަކުން ވިޔަސް، އެހެން ގައުމެއްގެ ހައްގުތަކަށް އަރައިގަތުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުން އެތައް ބަޔަކު މަރަމުންދާ ކަމަށާއި އިސްރާއީލުން ލުބުނާނަށް ވެސް ދޭ ހަމަލާތަކާއެކު މުޅި ދުނިޔެ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންދާ ކަމަށެވެ. އަދި އެމީހުން އަޅާ ވޭނާއި ކަރުނަ، އިންސާނިއްޔަތުކަން ހުރި އެއްވެސް މީހަކަށް ކެތް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ މުއާހަދާތަކާ ހިލާފު ޓެރަރިޒަމްގެ އަމަލުތަކަށް އިސްރާއީލަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ. ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން ޖެހޭ. އަޅުގަނޑުމެންގެ އަޚުން، ފަލަސްތީނަށް އދ.ގެ ގައުމީ މަޖިލީހަށް މަރުހަބާ ދަންނަވަން. ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރެއްކަން ކަށަވަރުކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްރާއީލުން ދަނީ ފަލަސްތީނާއި ލުބުނާން އަދި އަލްޖަޒީރާގެ ނޫސްވެރިން ވެސް މަރަމުން ކަމަށާއި އެފަދަ އަމަލުތައް ހިންގާތަން ބަލަން ތިބެގެން ނުވާނެ ކަމަށެވެ.