ފުލުހުންގެ ކުއްތާ ސްކޮޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ފުލުހުންގެ ކުއްތާ ސްކޮޑު ވީއައިއޭގައި ހަރަކާތްތެރިވާން ފަށާފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.
އެ މަސައްކަތަކީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ކުއްތާ ސްކޮޑުގައި 25 ކުއްތާ ހިމެނޭ އިރު، އެ ސްކޮޑު ބޭނުންކޮށްގެން އެކި ދުވަސްތަކާ ދިމާކޮށް ފުލުހުން ގެންދަނީ ހާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. މީގެ ކުރިން ފުލުހުން ވަނީ ޖަލުތަކުގެ ތެރޭގައި ވެސް ކުއްތާ ސްކޮޑު ބޭނުންކޮށްފައެވެ.
ފުލުހުން 2015 އިން ފެށިގެން ޑޯގް ސްކޮޑު ގިނައިން ބޭނުންކުރަމުންދަނީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައެވެ. ނަމަވެސް 2022 ވަނަ އަހަރު ފުލުހުން ވަނީ ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ވެސް ދިހަ ކުއްތާއެއް ގެނެސްފައެވެ.
ޓެރަރިޒަމަށް ހާއްސަ ކުއްތާތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކަސްޓަމާއި ޕޮލިހާއި އެމްޕީއެލާއި އެއާޕޯޓުގެ މަސައްކަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓުތަކުގެ ސަލާމަތީ ކަންކަމަށެވެ. އެންމެ ފުރަތަމަ އެ ކުއްތާތައް ބޭނުންކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައެވެ.