ހެލްތު މިނިސްޓްރީގެ އެންގުމަށް ފަޒީލާ އުސްމާން ހިންގަމުން ދިޔަ ހިޖާމާ ކުލިނިކް ފުލުހުން ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމަ ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައިވާތީ، އެކަމާ ބެހޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލި އިރު، އެ ކްލިނިކްގެ ވެރިފަރާތުން ގާނޫނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމައިގެ ފަރުވާ ދިނުމަށާއި މިހާރު ދެމުންގެންދާ ހިޖާމަ ޖެހުމުގެ ހިދުމަތް ހުއްދަ ލިވެންދެން ހުއްޓައިލުމަށް ލިޔުމުން އަންގައި ނަސޭހަތް ދީފައިވާ ކަމަށެވެ.
"މިމައްސަލައިގައި ތަނުގެ ވެރިފަރާތުން ފުލުހުންނަށް އެއްބާރުލުންދޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފަޒީލާގެ ކްލިނިކް ބަންދުކުރުމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވެސް އެންގިއެވެ. ނަމަވެސް އޭރު އެ އެންގުމަށް އަމަލުނުކޮށް ކްލިނިކުން ހުއްޓުމެއްނެތި ހިދުމަތް ދެމުން ދިޔައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރު ބަންދުކޮށްދޭން ހެލްތު މިނިސްޓްރީން ފުލުސް އޮފީހުގައި އެދުނީ މިިދިޔަ ހަފުތާގައެވެ.
އޭގެ ކުރިން ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން އެ ތަނުގެ ހިދުމަތް ހުއްޓާލަން އެ ތަނުގެ ވެރިޔާ ފަޒީލާ އުސްމާނަށް މި މަހުގެ 11 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ އަންގައިފައެވެ.
ހެލްތް މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލިނިކުގެ ހިދުމަތް ހުއްޓާލަން އެންގީ އެކަމާ ގުޅިގެން މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި އޭނާއާ ބައްދަލުކޮށް، ރަޖިސްޓްރީ ކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށްފަހު ކަމަށެވެ.
އަދި ފަޒީސް ހިޖާމާ ޖެހުމުގެ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށާއި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައް ނެގުމަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަޒީސް ހިޖާމާ ތެރަޕީ ދޭ ކްލިނިކް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ނޫނީ ހިޖާމާ ޖެހުމުގެ ހިދުމަތް ނުދިނުމަށް 2019 ގައިވެސް މިނިސްޓްރީން އަންގާފައިވެއެވެ. ނަމަވެސް ހުއްޓާ ނުލައި އެ ހިދުމަތް އޭނާ ދިޔައީ ދެމުންނެވެ.