ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ލަނޑުދީފާނެ ކަމަށް މިހާރު ގަބޫލުކުރެވޭ: ޝަރީފް

3

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިހުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ލަނޑުދީފާނެ ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއެކު ޕީއޭގައި ވެސް މަސައްކަތްކުރެއްވި ޝަރީފް، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމަށްފަހު އޭނާ ހައްޔަރުކުރަން އުޅުނު ކަމަށާއި ރައީސް ޔާމީން އެގޮތަށް ކަންތައް ކުރައްވަން އުޅުއްވުން ވެގެންދިޔައީ ގަބޫލުކުރަން ވެސް ވަރަށް އުނދަގޫވި ކަމަކަށް ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ ހިތް ނުވި އެއް ކަމެއް އެއީ ރައީސް ޔާމީން އަޅުގަނޑު ހައްޔަރުކޮށްގެން މި އިންތިހާބު ބާތިލުކުރުމުގެ މައިގަނޑު އަމާޒަކީ އަޅުގަނޑު ކަމުގައި ހެދުން. އެއީ އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތިވި ކަމެއް. ސަބަބަކީ ރައީސް ޔާމީނާއި އަޅުގަނޑާ އޮތް ސިޔާސީ ގުޅުމަކީ އެއަށްވުރެ މާ ހަރުދަނާކޮށް އޮތް ގުޅުމެއް ކަމަށް އަޅުގަނޑު ގަބޫލުކޮށްގެން ހުރީ. އެހެންނަމަވެސް ފަހުން އަޅުގަނޑަށް އެކަމުގެ ހެކި ފެނުމާއެކީގައި އަޅުގަނޑު ގަބޫލުކޮށްފިން ރައީސް ޔާމީން އަރިހުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ލަނޑުދެއްވައިފާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާއާ ދެކޮޅަށް ބަޔާން ދިނުމަށް އީސީގެ ބައެއް މެމްބަރުންނަށް ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުން ރިޝްވަތު ހުށަހެޅި ކަމަށާއި އެކަން އެ މެމްބަރުން އެންގި ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޝަންގެ ބައެއް މެމްބަރުންނަށް ތަފާތު ފަރާތްތަކުން ރިޝްވަތު ހުށަހަޅުއްވާފައި އެބަހުރި، އަޅުގަނޑާ ދެކޮޅަށް ބަޔާން ދިނުމަށްޓަކައި. 12 މިލިއަނުން ދިހަ މިލިއަނުން ހުށަހަޅާފައި އެބަހުރި. އެ މެމްބަރުން އަޅުގަނޑު ކައިރީގައި ބުނީ މިވެނި މީހަކު ހުށަހަޅާފައި އެބައޮތޭ. ރައީސް ޔާމީނަށް ސަޕޯޓުކުރާ ބައެއް ފަރާތްތަކުން ހުށަހެޅުންތައް އެބަހުރި ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކުރައްވަމުން ގެންދެވީ ގާނޫނުގައި ބުނާ ގޮތަށް ކަމަށާއި ވަކި ޕާޓީއަކަށް ފައިދާވާނެ ގޮތަކަށް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟