ޚަބަރު

ރައީސް ޑރ. މުއިއްޒު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިުއްޔާގެ އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސް ވަނީ، ފަލަސްތީނުގައި ކުރިޔަށް ގެންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެހީތެރިވުމަށް އެދިވަޑައިގެން ބައިނަލް އަގުވާމީ މުޖުތަމައަށް މުހިންމު މެސެޖެއް ދެއްވާފައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަކީވެސް އިންސާނުން. އަހަރެމެންގެ ރަޔިތުންނާމެދު ކުރެވޭ ލާއިންސާނީ އަމަލުތަކާއި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އަޅުގަނޑު ގޮވާލަން." ރައީސް މަހުމޫދު އައްބާސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ހުއްޓުމެއް ނެތް ސަޕޯޓު ފަލަސްތީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އެންމެހާ ހައްގުތަކާއި ހައްގު މަގާމު ހޯދައިދިނުމަށް ދިވެހި ރައްޔިތުންނަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުންމަތީ އަބަދުވެސް ދެމިތިބޭނެ. އެ ޔަގީންކަން އަރުވަން." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް، މަހުމޫދު އައްބާސް ވަނީ ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާ މެދު ބަހައްޓާ ގާތްކަމާއި އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ. ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ބަދަހިކަމާއެކު ތިބޭކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ހިތްޕުޅުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމުގައި އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނާއި ދިވެހިރާއްޖެ ގުޅިގެން، އެކި ދާއިރާތަކުން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.