ޚަބަރު

ރައީސް ޔާމީނުގެ އަރިހުގައި ސިޔާސީ މަސައްކަތެއް ނުކުރާނަން: ޝަރީފް

ރައީސް ޔާމީނުގެ އަރިހުގައި ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް "ޕީއެސްއެމް ނިއުސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފަސްއަހަރުގެ ދައުރުގައި އެހެން ދާއިރާއަކުން ފެނިގެންގޮސްފާނެ ކަމަށާއި ސިޔާސީ މަގާމެއްގައި އުޅުން މަނާ ނުކުރާ ކޮންމެ މަގާމަކަށް ދިޔަކަމުގައި ވިޔަސް ނުވަތަ ކުރިމަތިލައިގެން ހޮވުނު ކަމުގައިވިޔަސް ސިޔާސީ ކަންކަމުގައި އުޅެން ބޭނުންވާ ކަމަށެވެ.

މިހާރު ކަންތައްތައް ދިމާވެފައިވާ ގޮތުންނާއެކު ސިޔާސީ ކަންކަމުގައި ރައީސް ޔާމީންއާއެކު މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށާއި ރައީސް ޔާމީންގެ އަރިހުގައި ނޫން އެހެން ދިމާއެއްގައި ސިޔާސީ ދާއިރާގައި ފެނުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަންގެ ދައުރު ހަމަވަންދެން ހުންނެވުމުގެ ވިސްނުމެއް ނެތް ކަމަށާއި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން އިސްތިއުފާ ދެއްވާނެކަމުގައެވެ. ސަރުކާރުގެ މަގާމަކުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފެނިގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.