ޚަބަރު

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެ

މުޅި ރާއްޖެ ފެހިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެއްޖެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް މިފްކޯގެ ސައިޓުތަކުން 500 ގަސް ވަނީ ހަދިޔާކޮށްފައެވެ. އެ ގަސްތައް ހަދިޔާކުރުމަށް މިއަދު މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކުޑަގިރީގެ މެނޭޖުމެންޓާއެކު އެ ރަށުގައި ހަފުލާއެއް ބާއްވައިފައެވެ.

އެ ހަފުލާގައި އެ ކުންފުނިން ވަނީ ރައީސް މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އެ މަސައްކަތް ކުރިއަށްއޮތް ތަނުގައި ފުޅާ ކުރާނެކަން އިއުލާންކޮށްފައެވެ. އަދި އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖުމެންޓުން އެކަމުގައި މިފްކޯއަށް ދިން އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ފާހަގަކުރިއެވެ.

އެ ހަފުލާގައި ކުޑަގިރިން ވަނީ މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލު ހިއްސާކޮށްފައެވެ. އަދި ރަށް ފެހި ކުރުމުގައި އެޗްޑީސީގެ މެނޭޖުމެންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މައުލޫމާތުތައްވެސް ހިއްސާކުރިއެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާ ކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ރުއް ހިމެނެއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ޕްރޮގްރާމެއް ފެއްޓެވީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުއެވެ. މިއަހަރުގެ ޖޫން މަހު ރައީސް ފެއްޓެވި އެ ޕްރޮގްރާމުގައި އެކި ކުންފުނިތަކާއި ޖަމިއްޔާތަކުން އަންނަނީ ބައިވެރިވަމުންނެވެ.

އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި 90 އަށްވުރެ ގިނަ ވައްތަރުގެ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި، ކާބަން ނަގާ މިންވަރު ވަޒަންކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކެވެ. އެ ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށްޓަކައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.