ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން މިހާރު ވަނީ ވަރަށް ވަރުގަދަ ވެފައި ކަމަށް ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ރާއްޖެއާއި އިންޑިޔާއާ ދެމެދު ގާއިމުވެފައިވާ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ދެ ގައުމުންވެސް ދެގައުމަށް ފައިދާ ހުރި ކަންތައްތައްތަކުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމުގެ ކަންތަކާ ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން އެ ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ފަރާތްތަކުން ސީރިޔާގައި ކުރަމުން ގެންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާއަށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމުގައެވެ. އަދި އެގޮތަށް ރާއްޖެ ދޫކޮށް ސީރިޔާގައި ކުރަމުން ގެންދާ ހަނގުރާމައަށް ދިޔަ މީހުންގެ ކަންތައްތައް ވަރަށް ސީރިޔަސްކޮށް ބަލަމުން ގެންދާކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ ދަރަނި ރަނގަޅަށް މެނޭޖްކުރެވޭނެ ގޮތްތައް ހޯދުމަށް އެމެރިކާއާއި ޖަޕާނު ސަރުކާރުގެ ލަފާ ހޯދަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު ވިދާޅުވިއެވެ.