ޚަބަރު

އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލްގެ ގުޅުމަށް 20 އަހަރު: 20،000 ރިވޯޑްސް ޕޮއިންޓް ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ގާއިމުކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނާޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފާހަގަކުރުމުގެ ގޮތުން ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ރަސްމިއްޔާތަކަށްފަހު ފެށި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބީއެމްއެލް އިން މިއަދު ވަނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފައެވެ.

ބީއެމްއެލް އިން މީޑިއާތަކަށް ބުނީ، އެ ޕްރޮމޯޝަންގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެ ކަމަށެވެ.

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމުގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މާޗަންޓްތަކުން ގިފްޓް ކާޑު ގަނެވޭނެއެވެ.

ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފުކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފު ކުރުމަކީ ބޭންކަށް ލިބުނު ފަހުރެއް ކަމަށެވެ.

"މިއަދު، އަޅުގަނޑުމެންގެ 20 އަހަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕް އާއެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް،" ނިމާލް ވިދާޅުވިއެވެ.

ނިމާލް އިތުރަށް ވިދާޅުވީ އެމެރިކަން އެސްޕްރެސް އިން އަބަދުވެސް ބީއެމްއެލްގެ ކާޑު މެންބަރުންނަށް ހާއްސަ އޮފާތައް ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން ބޭންކުން މި ފަހުން ތައާރަފު ކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ، އެ ކާޑުން ލިބޭ ހާއްސަ ފައިދާ ތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއާ އަދި މާޗަންޓް އެކުއަރިން ޕާޓްނަރެވެ.