ޚަބަރު

މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެންމެންގެ އަޑުއަހައި މަސައްކަތްކުރަންވީ ވަގުތު: ރައީސް

މުހައްމަދު އިޝާން

މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކުދި ގައުމުތަކުގެ އަޑުއަހައި ކުދި ގައުމުތަކަށްޓަކައި މަސައްކަތްކޮށްދޭންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އދ.ގެ ސަސްޓެއިނަބިލިޓީ ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ފައިނޭންސިން އާއި އިންވެސްޓްމެންޓުގައި އަހަރަކު 2.5 ޓްރިލިއަން ޑޮލަރާއި ހަތަރު ޓްރިލިއަން ޑޮލަރުގެ ފަރަގެއް ހުންނަ ކަމަށެވެ. ރައީސް ވިދާޅުވީ ކަންކަން ހަމަޔަކަށް އެޅުވުމަށް އެކުލަވާލި ނިޒާމު މިހާރު ވެފައިވަނީ ހަމައެކަނި ސުރުހީއަކަށް ކަމަށެވެ.

"ދެމެހެއްޓެނެވި ތަރައްގީއާއި މޫސުމީ ބަދަލުތަކަށް މަލީ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހުރިހާ މީހުންގެ އަޑު އަހައި، ހުރިހާ މީހުންނަށްޓަކައި މަސައްކަތް ކޮށްދޭންވީ ވަގުތު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތައް މިނެކިރާނީ "ލެގަސީ" އަކުން ނޫން ކަމަށާއި އެ ޖީލުން މިނެކިރާނީ އެ ޖީލަށްޓަކައި އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަލީގައި ކަމަށެވެ. އެ ޖީލު ބޭނުންވަނީ ނަތީޖާ ހާސިލު ކުރެވޭނެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލަކީ ހިޔާލީ ކަމެއް ނޫން ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ 62 ޕަސަންޓް ޒުވާނުންނަށް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ 50 އަހަރުގެ ތެރޭގައި މޫސުމީ ކާރިސާތަކުގެ ސަބަބުން 153 ބިލިއަން ޑޮލަރުގެ ގެއްލުން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަށް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗާ"އިން މީގެ ކުރިން ނިންމާފައިވާ ކަންކަމަށް އިސްކަންދިނުން މުހިންމު ކަމަށާއި އެގޮތުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށާއި އެކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން އަދި ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނެޓް ޒީރޯ ގައުމަކަށްވުމަށް ރާއްޖެއިން ވަނީ އަމާޒު ހިފާފައި. މޫސުމީ ބަދަލުތަކުން ރައްކާތެރިވެފައިވާ ގައުމަކަށް ހެދުމަށް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން އަމާޒު ހިފައިފައިވާ ގޮތަށް އެހެން ގައުމުތަކުން ވެސް އަމަލުކުރުމަށް ގޮވާލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.