ޚަބަރު

ހެލްތުގެ އެންގުމަށް އަމަލު ނުކުރުމުން ފަޒީސް ހިޖާމާ ބަންދުކޮށްދޭން ޕޮލިހުގައި އެދިއްޖެ

1

"ފަޒީސް ހިޖާމާ ތެރަޕީ"ގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ހިޖާމާ ޖެހުމުގެ ހިދުމަތް ކުރިއަށް ގެންދާތީ އެ ކްލިނިކް ބަންދު ކޮށްދޭން ހެލްތް މިނިސްޓްރީން ފުލުސް އޮފީހުގައި އެދިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރު ބަންދުކޮށްދޭން ހެލްތް މިނިސްޓްރީން ފުލުސް އޮފީހުގައި އެދުނީ މިދިޔަ ހަފުތާގައެވެ.

އޭގެ ކުރިން ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން އެ ތަނުގެ ހިދުމަތް ހުއްޓާލަން އެ ތަނުގެ ވެރިޔާ ފަޒީލާ އުސްމާނަށް މި މަހުގެ 11 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ހެލްތް މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލިނިކުގެ ހިދުމަތް ހުއްޓާލަން އެންގީ އެކަމާ ގުޅިގެން މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި އޭނާއާ ބައްދަލުކޮށް، ރަޖިސްޓްރީ ކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށްފަހު ކަމަށެވެ.

އަދި ފަޒީސް ހިޖާމާ ޖެހުމުގެ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށާއި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައް ނެގުމަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަޒީސް ހިޖާމާ ތެރަޕީ ދޭ ކްލިނިކް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ނޫނީ ހިޖާމާ ޖެހުމުގެ ހިދުމަތް ނުދިނުމަށް 2019 ގައިވެސް މިނިސްޓްރީން އަންގާފައިވެއެވެ. ނަމަވެސް ހުއްޓާނުލައި އެ ހިދުމަތް އޭނާ ދިޔައީ ދެމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟