ޚަބަރު

ޖިހާދު އުޅޭ އެޑްރެސް ހޯދުމަށްފަހު އަލުުން ހުށަހެޅުމަށް އަންގައި އޭނާގެ ކޮރަޕްޝަން މައްސަލަ ޕީޖީއަށް ފޮނުވާލައިފި

އިބްރާހިމް ޒަކީ

މި ސަރުކާރުގައި އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ބޯޑުގެ ޗެއާޕާސަން އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ، އޭނާ އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު އަލުުން ހުށަހެޅުމަށް އެ މައްސަލަ ހައިކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާލައިފިއެވެ.

ފިނޭންސް މިނިސްޓަރުކަންވެސް ކުރެއްވި ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުންނެވެ. އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގީ މަރުހަލައިގައި ގޯސްތަކެއް ހިމެނޭކަން ފާހަގަކުރައްވައި، އެ މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެކަމާ ގުޅުގެން މި މަހުގެ 11 ވަނަ ދުވަހު ކުރީގެ ޕީޖީ އެ މައްސަލަ އަލުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ކޯޓުން ބަލައިވެސް ގަތެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހިމެނިވަޑައިގަންނަވާ ބެންޗުން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުމުގައި ވަނީ، ޖިހާދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވީ އެޑްރެހެއްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޕީޖީ އޮފީހުން ބަޔާންކޮށްފައިވާ އެޑްރެހުން ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދު ކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިހާދު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ކޯޓުން ޕީޖީ އޮފީހަށް ފޮނުވި ކަމަށާއި ޖަވާބުގައި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ޖިހާދު މިހާރު ދިރިއުޅޭ އެޑްރެހަކީ މ. ވެސްޓް ވިއު ތިންވަނަ ފަންގިފިލާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އެ ނިންމުމުގައިވެއެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދުކުރުމަށް ކޯޓުން އެ އެޑްރެހަށް ދިއުމުން އެ ގޭގައި އޭނާ ނޫޅޭ ކަމަށް އެ ގެއިން މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވާ ކަމަށްވެސް ނިންމުމުގައިވެއެވެ.

އެހެންކަމުން މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ޖިހާދު ހައިކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު 19 ސެޕްޓެމްބަރުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލަށް އޮތް ކަމަށް އަންގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ ދަށުން މި ގަސިއްޔާގެ ދައުވާ ފޯމު ޕީޖީ އޮފީހަށް އަނބުރާ ފޮނުވައިލުމަށް މި ގަޒިއްޔާ ހައިކޯޓުގައި ބެއްލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކަމަށްވެސް މި ނިންމުމުގައިވެއެވެ.

ޕީޖީ އޮފީހުން ކުރިން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއި ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން އޭރު ބުންޏެވެ.

އެ އޮފީހުން އޭރު ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއި ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް އާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ ކަމަށް ޕީޖީން ކުރިން ބުނެފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ.