ޕާކު ކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު 10:15 ހާއިރު، އައިޖީއެމްއެޗް ކައިރީ ޕާކު ކޮށްފައިވާ ސައިކަލެއް ވަގަށް ނަގަން އުޅުނު މީހެއްގެ އަމަލުތައް ހުރިގޮތުން އެވަގުތު އެތަނުގައި އޮފް ޑިިއުޓީގައި ހުރި ފުލުހެއް އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން، އެމީހާ ދުވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އޭނާ ވަގަށް ނަގަން އުޅުނު ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.