މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފިއެވެ.
އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ރަސްމީކޮށް ކްރޭން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ.
އެމްޕީއެލުން މިއަދު ބުނީ އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެއް ކަމަށާއި އެ ކްރޭނަކީ އިހަވަންދޫ ކައުންސިލުން އެދިގެން އެކުންފުނިން ހަދިޔާކުރި ކްރޭނެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ ކައުންސިލްތަކުން އެދޭ ކަންތައްތައް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވީ ކްރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލް އިން އެދެމުން، އެމްޕީއެލް އިން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާ ކަމަށެވެ.
އެމްޕީއެލުން އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފައިވާ އިރު، މިއަދު ވަނީ އެރަށުގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރުމަށް އެމްޕީއެލް އާއި އިހަވަންދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.