ރާއްޖޭން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށާއި އަދި ރާއްޖޭގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭ ފައިސާ ދިނުން ލަސްވި ކަމުގައި ވިޔަސް ފައިސާ ދިނުން ނުހުއްޓޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ދޫނުކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ފައިސާ ދޫކުރުން މެދުކެނޑިފައިނުވާ ކަމަށެވެ.
"ކިޔަވަން ލޯނު ދޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުން. މިކަމުގައި ރައްޔިތުން ބޭނުންވި އަވަސްމިނުގައި ފައިސާ ދޫކުރެވެމުން ދިޔަ ކަމުގައި ބެލެވެން ނެތް ނަމަވެސް އެކަމުގައި ހުއްޓުމެއް ގެނެވިފައެއް ނުވޭ،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ
މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ބަންދު ދުވަސްތަ އްވެސް ހިމަނައިގެން މިނިސްޓްރީގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރު ސްޓޫޑަންޓު ލޯނަށް 1،300 އަށް ވުރެ ގިނަ ދަރިވަރުން ހޮވިފައިވާ ކަމަށާއި އެއީ ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުން ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް ސްޓޫޑެންޓް ލޯނަށް ގިނަ ދަރިވަރުންތަކެއް ހޮވިފައިވާ އިރު، އޭގެ ތެރެއިން ގިނަ ދަރިވަރުންނަށް ލޯނުގެ ފުރަތަމަ ޕޭމަންޓު ދިނުމުގެ މަސައްކަތް ކުރަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ.
"މިދިޔަ އަހަރުގެ ދަރިވަރުންނާއި މި އަހަރުގެ ދަރިވަރުންނާއި އަދި ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލޯނުގެ ފައިސާ ކޮންމެ ހަ މަހަކުން މިދަނީ ދޫކުރަމުން. މިއަހަރުގެ މިހާތަނަށް 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރުގެ ބާކީ އޮތް ތިން މަސް ދުވަހު 290 ދަރިވަރުން ކިޔެވުމަށް ފުރާނެކަން އެނގިފައިވާ ކަމަށާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލޯނު ފައިސާގެ ގޮތުގައި 180 މިލިއަން ރުފިޔާ ދޫކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކިޔެވުމަށް ކުދިންނަށް ދޭ ލޯން ފައިސާގައި ލަސްތަކެއް ހުރީ ދަރިވަރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވުމުގެ ސަބަބުން ކަމަށެވެ.