ޚަބަރު

ފޭދޫގައި މީހަކު މަރުވި އެކްސިޑެންޓް: ވޭން ދުއްވި މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ

އިބްރާހިމް ޒަކީ

އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައިގައި އެކްސިޑެންޓްވި ވޭން ދުއްވަން އިން މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމުން އޭނާ ސަލާމަތް ވެއްޖެއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ފޭދޫ ޖަނަވަރީގެ މުހައްމަދު ނަވާޒް ހަސަންގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ، 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު، އައްޑޫގެ ޝަމްސުއްދީން ބޮޑު ފަނޑިޔާރު މަގުން އުތުރުން ދެކުނަށް ބާރު ސްޕީޑްގައި ފަރުވާކުޑަކޮށް ނަވާޒް ދުއްވަމުންދިޔަ ވޭންގެ ކުރީގައި އޮތް ކާރުގެ ކުރިއަށް އަރަން އޯވާއެޓޭކު ކުރިއިރު އެވޭން ކޮންޓްރޯލުން ނެއްޓި އެކާރުގެ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލްގައި ޖެހި ސައިކަލް ދުއްވަންއިން ސ. ހިތަދޫ އަލިމަސްގެ ނަބީލް އިބްރާހިމަށް ލިބުނު އަނިޔާގެ ސަބަބުން އެދުވަހު އޭނާ ނިޔާވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ނަވާޒްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކޮށްފައިވެއެވެ.

އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާގެ އިތުރުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަފީފް ކުރެއްވި ހުކުމުގައި ވަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއަށް އިންކާރު ކޮށްފައިވާތީ އާއި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކި ގަރީނާތަކުން މި ކުށްތަކުގެ މައުނަވީ ރުކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިނުވާތީ ނަވާޒުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ނުވާ ކަމަށެވެ.