އެޕަލްއިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 16 އަށް ޕްރީއޯޑާ ކުރަން މާދަމާ ރޭ ހުޅުވާލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އުރީދޫއިން މިއަދު ބުނީ އެންމެ ފަހުގެ އައިފޯންތައް، މާދަމާ ރޭ ދަންވަރު 12:00ގައި ޕްރީއޯޑަރަށް ހުޅުވާލާނެ ކަމަށެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޭޖުން ޕްރީއޯޑަރަށް ހުޅުވާލާނެ ވަގުތު ބަލައިލެވޭނެ ކަމަށެވެ.
އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ. މިފަހަރުގެ ފޯނުގައި ހާއްސަކޮށްލެވޭ ފީޗާސްތަކުގެ ތެރޭގައި ކަސްޓަމައިޒްކުރެވޭ އެކްޝަން ބަޓަންތަކާއި ކެމެރާ ކޮންޓްރޯލް ފީޗާ ހިމެނެއެވެ.
މީގެ އިތުރުން އައިފޯން 16 އަދި އައިފޯން 16 ޕްލަސްގައި މުޅިން އާ އޭ18 ޗިޕެއް ހިމަނާފައިވާ އިރު، އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވެއެވެ.