ހުޅުމާލޭގައި ހަދަމުންދާ ރެޒިޑެންޝިއަލް އިމާރާތްތައް ވިއްކުމަށް ހުޅުވާލެވޭނީ މަސައްކަތުގެ 20 ޕަސަންޓް ނިމުމުން ކަމަށާއި އެޕާޓްމަންޓު ވިއްކޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދިނުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް އިމާރާތް ކުރަމުން އަންނަ މިޑް ރޭންޖާއި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމެންޓް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މަޝްރޫއެއް ކުރިއަށް ގެންދާ ފަރާތާއި އެޕާޓްމެންޓް ގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް އެޕާޓްމެންޓް ގަތުމަށް ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރަތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
"ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ރެޒިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމެންޓް ވިއްކަން ފެށުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000 ރުފިޔާގެ ރިފަންޑަބަލް ފީއެއް (އެޕާޓްމެންޓުގެ ޖުމްލަ އަގުން އުނިކުރެވޭ ގޮތަށް) ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވެއެވެ. އަދި އެޕާޓްމެންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކަމުގެ ހުއްދަ ހޯދުމަށްފަހުއެވެ،" އެޗްޑީސީން ބުންޏެވެ.
އެކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެޕާޓްމެންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން، ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނަގައިގެން ނުވާނެ ކަމަށެވެ. އަދި އަސޭރިއާ ޕްރޮޖެކްޓް ފިޔަވައި އެހެން ހުރިހާ މަޝްރޫއުތަކުން ވެސް އަމަލުކުރަންވާނީ އެގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
"އަސޭރިއާ ޕްރޮޖެކްޓްގެ އެޕާޓްމެންޓުތަކުން ބުކިން ފީގެ ގޮތުގައި ކަސްޓަމަރުންގެ އަތުން އެއް މިލިއަން ރުފިޔާ (950،000 ރުފިޔާ ރިފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވެލޮޕަރަށް ލިބިގެންވެއެވެ. އަދި އިމާރާތުގެ ސިވިލް މަސައްކަތުގެ 20 އިންސައްތަ ނުނިމުނަސް، އެޗްޑީސީ އާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެ ޕްރޮޖެކްޓުގެ އެޕާޓްމެންޓް އާންމުންނަށް ގަނެވިދާނެއެވެ،" އެޗްޑީސީން ބުންޏެވެ.
އެހެންކަމުން ހުޅުމާލޭގައި ހަދަމުންނަ ރެޒިޑެންޝިއަލް އިމާރްތަކުން އެޕާޓްމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.