އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓައި އަމިއްލައަށް ދަންޖެހެން ކުރި މަސައްކަތަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މި މަހުގެ ދެވަނަ ދުވަހުއެވެ.
އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު، ރާއްޖެ ގެނެސްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އަތުހަރު މަރުވީ، ދަންޖެހިގެން ކަމަށް ޕޯސްޓްޕޯޓަމްގެ ރިޕޯޓުން ދައްކާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ މިއީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށް ވާތީއެވެ.
ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އަތުހަރު މަސައްކަތް ކުރީ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލުމަށެވެ. ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތްކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެންމީހާ ދުއްވަން އިން ސައިކަލު މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާދިނުމުން އަނިޔާވިއެވެ.
މުގުރުން އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން ބޮލަށް ވަނީ އަނިޔާވެފައެވެ. އެހެންވެ އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންދިޔައެވެ. ފަރުވާއަށްފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާގެ ހާލު ސީރިއަސްވެ ހޮޑުލާތީ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުން އޭނާ ދޫކޮށްލުމުން ފުލުހުން ވަނީ އަތުހަރު ހައްޔަރުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު ޖެހުނީ ފައިސާގެ މައްސަލަތަކެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އަތުހަރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އަދި ބައެއް ކުށްތަކުގެ ރެކޯޑު އޭނާގެ އޮވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަތުހަރު ދަން ޖެހިފައި ހުއްޓައި ފެނުނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ 7:02 ގައެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެނައީ އޭގެ 23 މިނެޓު ފަހުން ކަމަށް ވެސް ބުންޏެވެ. އޭނާ މަރުވީ މިމަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:08 ހާއިރުއެވެ.
އަތުހަރުގެ މަރާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު، ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލިއެވެ. އަތުހަރު ދަން ޖެހިފައި ހުއްޓައި ފުލުހުންނަށް ފެނުނީ ސީސީޓީވީންނެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އޭނާ ދަންޖެހިފައި ހުއްޓައި އޮފިސަރުންނަށް ފެނުނީ 30 ވަރަކަށް މިނެޓު ފަހުންނެވެ.