ޔޫއެފާ ޗެމްޕިއަންސް ލީގު

ރެއާލާއި ލިވަޕޫލަށް ރަނގަޅު ފެށުމެއް، ކޭންގެ ހަތަރު ގޯލާއެކު ބަޔާނަށް ފަސޭހަ މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ލިވަޕޫލުން ފެށުން ރަނގަޅުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުން ނުކުތީ ޖަރުމަނުގެ ވީއެފްބީ ސްޓުޓްގާޓްއާ ދެކޮޅަށެވެ. އެ މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ސްޓުޓްގާޓުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ރެއާލްގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ގޯލު ޖަހާނެ ފުރުސަތެއް ވެސް ސްޓުޓްގާޓަށް ލިބިގެންދިޔަ އިރު، ޖޭމީ ލެވެލިންގް ފޮނުވާލި އެ ހަމަލާ، ރެއާލްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ރެއާލުން ވަނީ އެޓޭކުތައް ވަރުގަދަކޮށް، ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ހަމަލާތަކެއް ބްލޮކުވި އިރު، އޭނާގެ ހަމަލާއެއް ސްޓުޓްގާޓްގެ ކީޕަރު އެލެކްސެންޑާ ނޫބެލް މަތަކުރަން ވެސް ޖެހުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ރެއާލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު މެޗެއް ކުޅެމުންދިޔަ އެމްބާޕޭއެވެ. އޭނާ އެ ގޯލު ޖެހީ ރޮޑްރިގޯ ދިން ބޯޅައަކުންނެވެ.

އޭގެ ފަހުން ވެސް ރެއާލަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެމްބާޕޭ އާއި ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެމްބާޕޭގެ ހަމަލާ ކީޕަރު ނޫބެލް މަތަކުރި އިރު، ވިނީޝިއަސްގެ ހަމަލާ އަމާޒުވީ ސްޓުޓްގާޓް ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގައި ރެއާލަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 68 ވަނަ މިނެޓުގައި ސްޓުޓްގާޓުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމުންނެވެ. ލެވެލިންގް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްޓުޓްގާޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން ފޯވަޑް ޑެނިޒް އުންޑޭވްއެވެ.

މެޗުގެ ފަހުކޮޅު ރެއާލުން ވަނީ ދެ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ލީޑު ހޯދައިދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރެއާލަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޒިލްގެ ޒުވާން ފޯވަޑް އެންޑްރިކް އެވެ. ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި އެންޑްރިކް ކުޅުނު ފުރަތަމަ މެޗެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލުން ރަށުން ބޭރުގައި ރޭ ނުކުތީ އިޓަލީގެ އޭސީ މިލާނާ ދެކޮޅަށެވެ. މިލާނުން ގޯލެއް ޖަހާފައިވަނިކޮށް، ލިވަޕޫލުން ވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.

އެ މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި މިލާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނުރައްކާތެރި އެޓޭކެއްގައި ކުރިއަށް ގޮސް، އަލްވާރޯ މޮރާޓާ ދިން ބޯޅައަކުން މިލާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީން ފެނުނު އެމެރިކާ ފޯވަޑް ކްރިސްޓިއަން ޕުލިސިޗް އެވެ.

އެ ގޯލާއެކު ލިވަޕޫލުން ދިޔައީ ކުޅުން ވަރުގަދަކޮށް، މިލާންގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ލިވަޕޫލުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހް ފޮނުވާލި އެ ހަމަލާ އަމާޒުވީ މިލާން ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން ފްރާންސް ޑިފެންޑަރު އިބްރާހީމާ ކޮނާޓޭ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 41 ވަނަ މިނެޓުގައި ކޮންސްޓަންޓީނޯސް ޝިމިކާސް ނަގައިދިން ކޯނަރަކުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ލިވަޕޫލުގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އިރު، އެޓީމުން ލީޑު ފުޅާކުރީ މެޗުގެ 67 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ކޯޑީ ގަކްޕޯ ދިން ބޯޅަ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ލިވަޕޫލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަންގޭރީ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއީ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖަރުމަންގެ ބަޔާން މިއުނިކުން ވަނީ ފަސޭހަކަމާއެކު ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް ބަލިކޮށްފައެވެ. އެ މެޗުން ބަޔާން މޮޅުވީ 9-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބަޔާނުން ޖެހި ނުވަ ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ. ބާކީ ގޯލުތަކުގެ ތެރެއިން ދެ ގޯލެއް މައިކަލް އޮލީސް ކާމިޔާބުކޮށްދިން އިރު، ރަފައެލް ގުރޭރޯ އާއި ލެރޯއީ ސާނޭ އަދި ލިއޯން ގޮރެޓްޒްކާގެ ފަރާތުން ވެސް ގޯލެއް ފެނިގެންދިޔައެވެ. މެޗުގައި ޑައިނަމޯ ޒަގްރެބްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރޫނޯ ޕެޓްކޮވިޗް އާއި ޓަކޫޔާ އޮގިވާރާ އެވެ.

އެހެން ސީޒަންތަކާ ހިލާފަށް މިސީޒަނުގެ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ މުޅިން އާ ފޯމެޓަކަށެވެ. ޗެމްޕިއަންސް ލީގުގައި މިފަހަރު ޖުމުލަ 36 ޓީމުން ވާދަކުރާނެއެވެ. ކޮންމެ ޓީމަކުންވެސް ހޯމް ހަތަރު މެޗު، އަވޭ ހަތަރު މެޗު، ޖުމުލަ އަށް މެޗު ލީގު ބުރުގައި ކުޅޭނެއެވެ. ޓީމުތައް ކުޅޭނީ ލީގެކެވެ. 36 ޓީމަކީ އެއް ގްރޫޕެއްގެ ޓީމުތަކެވެ. ލީގު ބުރުގައި އެއް ގައުމެއްގެ ދެ ޓީމެއް ވާދަކުރާކަށް ނުޖެހޭނެއެވެ.

ލީގު ބުރު ނިމޭއިރު އެންމެ ޕޮއިންޓް ގިނަ އަށް ޓީމު އޮޓޮމެޓިކުން ގަދަ 16 އަށް ދާނެއެވެ. އަދި ނުވަވަނަ އިން، 24 ވަނައާ ދޭތެރޭ ނިންމާލާ ޓީމުތަކުގެ މެދުގައި ދެ ލެގުގެ ކޮލިފިކޭޝަން ދެ ލެގު ކުޅެގެން ގަދަ 16 އަށް ޓީމުތަކަށް ދެވޭނެއެވެ.

ފުރަތަމަ ބުރުން ކަޓާނީ 25 ވަނަ އިން ތިރީގައި ނިންމާލާ ޓީމުތަކެވެ. ކުރީ ފޯމެޓުގައި ޗެމްޕިއަންސް ލީގުގައި ޖުމުލަ 125 މެޗު ކުޅެވޭ ނަމަވެސް، މިފަހަރު އެ އަދަދު ވަނީ 189 އަށް އިތުރު ވެފައެވެ. ކޮންމެ ޓީމަކަށްވެސް އެންމެ މަދުގެން އަށް މެޗު ލިބޭނެއެވެ. އަދި ފައިނަލަށް ދާ ޓީމަށް 17 މެޗު ކުޅެން ޖެހޭނެއެވެ.