2018 ވަނަ އަހަރު އެސްޓީއޯގެ އާމްދަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އެއީ 2017 އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ފާއިތުވި އަހަރު އެސްޓީއޯގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަމުން ހުސައިން އަމްރު ވިދާޅުވީ ކުންފުނީގެ ގްރޮސް ޕްރޮފިޓް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެއްކަމުގައެވެ. އަދި ކުންފުނީގެ ހިންގުމުގެ ހަރަދު 2018 ވަނަ އަހަރު 850 މިލިއަނަށް އަރާފައިވާ ކަމަށާއި އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 160 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.
އަމްރު ވިދާޅުވީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ އެޑްމިނިސްޓްރޭޓިވް ހަރަދަށާއި ސޭލްސް އެންޑް މާކެޓިން ހަރަދަށް ކަމަށެވެ. އެގޮތުން ސޭލްސް އެންޑް މާކެޓިން ހަރަދަށް 95 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
އަމްރު ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި ކުންފުނީގެ ފައިނޭންސިގް ކޯސްޓް އިތުރުވެފައިވާ ކަމަށާއި ފައިނޭންސިން ކޯސްޓް އިތުރުވުން ގުޅިފައިވަނީ ލިބިފައިވާ އާމްދަނީއާ ކަމުގައެވެ. ލިބުނު އާމްދަނީގެ ތެރެއިން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެގެން ގޮސްފައިވާ ކަމަށާއި 2018 ވަނަ އަހަރު ނިމިގެން ދިޔައިރު ސާފު ފައިދާ ވަނީ 224 މިލިއަން ރުފިޔާއަށް އަރާފައި ކަމުގައެވެ. ނަމަވެސް އެ ފައިދާއަކީ ހުޅުމާލެ ހޮޓަލަށް ލިބުނު ގެއްލުމުގެ ކުރިން ލިބުނު އަދަދު ކަމަށް އަމްރު ވިދާޅުވިއެވެ.