އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޗައިނާއަށް އެކްސްޕޯޓުކުރާ ދިވެހި އުފެއްދުންތަކަށް ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށާއި އިމްޕޯޓު ޑިއުޓީން ވެސް 91 ޕަސަންޓު ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް އަންނަ ޖެނުއަރީ އެކެއްގައި އަމަލުކުރަން ފަށާނެ ކަމަށާއި އެއާއެކު ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ފަރާތްތަކާއި އިމްޕޯޓުކުރާ ފަރާތްތަކަށް ވެސް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"މުދާ އެކްސްޕޯޓުކޮށްގެން، މިސާލަކަށް އެ އުފައްދާ ހޭންޑްބޭގްސް އެކްސްޕޯޓުކުރުމުގައި ޑިއުޓީ ދައްކާކަށް ނުޖެހޭނެ. ދެން އެއާއެކު ޑިއުޓީ ނުދައްކާ ހުރި ނޮން ޓެރިފް ބެރިއާސް މިކިޔާ ބައެއް ކަހަލަ ކަސްޓަމްސް އަދި އެނޫނަސް އެތެރެ ކުރާ އިރު ހުންނަ ޕްރޮސީޖަރަލް މަސައްކަތްތައް، ވަރަށް ބޮޑުތަނުން ލުއިވެގެންދާނެ. ރާއްޖޭގެ ޕްރޮޑަކްޓެއް ކަމަށް ޑިކްލެއާ ކޮށްފިއްޔާ ޑިއުޓީ ދައްކާކަށް ނުޖެހޭނެ. އޭގައި ވެސް ހުރޭ ކްލެސިފިކޭޝަންތަކެއް ދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ހޯލްސޭލް މުދާ އެތެރެކުރާ ފަރާތްތަކަށް އެކެއް ޖެނުއަރީން ފެށިގެން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުން ވެސް ބޮޑުބައެއް ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށާއި އެހެންކަމުން މިހާރު ދައްކާ ޑިއުޓީ ސުން ޕަސަންޓަށް ތިރިވެގެންދާނެ ކަމަށެވެ.
"މި ދެ އެރޭންޖްމަންޓާއެކު އަޅުގަނޑުމެންގެ ފައިސާ އިން ފައިސާ ދެއްކުމާއި އަދި ޑިއުޓީ ސުން ޕަސަންޓަށް، ޗައިނާއިން އިމްޕޯޓުކުރާ އައިޓަމްސް 91 ޕަސަންޓް ގާތްގަނޑަކަށް ޓެރިފް ލައިން ސުމަކަށް މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ އެއާއެކު ޗައިނާއިން ގެންނަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެގެންދާނެ ކަމަށާއި ތުރުކީއާއެކު ވެސް އެފަދަ އެއްބަސްވުމެއް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ޑައިރެކްޓް އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާ އިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު މިދިޔަ ހުކުރު ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.