މާލޭގެ ބޭރު ތޮށިގަނޑު މަރާމާތު ކުރުމަށް ޖަޕާން ސަރުކާރުން 140،000 ޑޮލަރު (2.1 މިލިއަން ރުފިޔާ) ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ޖަޕާނުން މާލެ ވަށައިގެންލާފައިވާ އެއްގަމު ތޮއްޓަކީ 1987 ވަނަ އަހަރު މާލެއަށް އެރި ބޮޑު ރާޅަށްފަހު 1990 ވަނަ އަހަރު ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ. އެ ތޮށި މަރާމާތު ކުރުމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން 20 މިލިއަން ޖަޕަނިސް ޔެން (140،000 އެމެރިކާ ޑޮލަރު) ދޭން ނިންމާފައިވަނީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތޮށި މަރާމާތު ކުރުމަށް ޖަޕާނުން އެހީ ދިނުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގައި އެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި މި މަޝްރޫއުއަކީ އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫއެއްކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ 20 އަހަރު ކުރިން 2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި، ޒަމީރު ވަނީ މާލެއާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.
އެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި 2004 ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޖަޕާނުގެ އެހީގައި 1990 ވަނަ އަހަރު ބިނާކުރި މާލޭގެ ވަށާތޮށި އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާފައި ކަމަށްވެސް ފޮރިން މިިނިސްޓްރީން ބުންޏެވެ.