ޚަބަރު

ވޯޓާ ސޭފްޓީ ޕޮރްގުރާމް އިފްތިތާހު ކޮށްފި

އަލީ އިހްސާން

ވޯޓާ ސޭފްޓީ ޕޮރްގުރާމް އިފްތިތާހު ކޮށްފިއެވެ.

ވޯޓާ ސޭފްޓީ ޕޮރްގުރާމަކީ، ފަތުރުވެރިންނަށް މޫދުގައި ދިމާވަމުން އަންނަ ހިތާމަވެރި ހާދިސާތައް ހައްލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން އިސްނަގައިގެން ދިވެހި ފުލުހުންނާއި، ގައުމީ ދިފާއީ ބާރާ ގުޅިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މޫދަށް އެރޭ ސަރަހައްދު ފާހަގަކޮށް، ސަލާމަތީ ގޮތުން ބޭނުންވާ މައުލޫމާތާއި، ހެދުން އެޅުމުގެ މިންގަނޑު ބަޔާންކޮށް ފަތުރުވެރިންނާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކުރުމަށްޓަކައި މައުލޫމާތު ހިމެނޭ ބޯޑުތަކެއް ބެހެއްޓުމަށް ފަށާ މަސައްކަތެކެވެ.

ވޯޓާ ސޭފްޓީ ޕޮރްގުރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަދު އިހްތިފާލު ކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިއްމު މަސައްކަތެއްކަމުގައެވެ. މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ޓޫރުޒަމް ދާއިރާގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިއަދު މި އިފްތިތާހު ކުރެވޭ ބޯޑުތައް ވެގެންދާނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހެދުން އެޅުމުގެ މިންގަނޑު ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުގެ ދަށުން އެ އޮންނަ ގޮތާއި އުސޫލު މަންޒަރާއެކު ފަތުރުވެރިންނަށް ފެނިގެންދާނެ ބޯޑުތަކެއް ކަމަށެވެ. މިބޯޑުތަކުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ލައިފް ގާޑުން ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެންބަރު 31 އަށް މޫދުގައި ދިމާވާ ހާދިސާތައް ދެބައިކުޅަ އެއްބަޔަށް މަދުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.