ޚަބަރު

"ހިޔަލަ ވީކެންޑް މާކެޓް"ގެ ކިއޮސްކްތައް އެއް އަހަރަށް ކުއްޔަށް ދޫކުރަނީ

ފާތިމަތު ލިޔުޝާ

ހިޔަލަ ވީކެންޑް މާކެޓުގެ ކިއޮސްކްތައް އެއް އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ) އިން ނިންމައިފިއެވެ.

ހުޅުމާލޭގައި ހުންނަ "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ގައެވެ. އެ މާކެޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެ މާކެޓުގެ މަގުސަދަކީ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް ވިޔަފާރި ސަރަހައްދެއް ގާއިމުކޮށްދިނުމެވެ. އެކަން ކުރިއަށްގެންދަނީ ސަރުކާރުގެ އިސްނެގެމާއެކު ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުމާއެކުގައެވެ.

މިމަހުގެ 10 ވަނަ ދުވަހު ބީސީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ގާއިމުކޮށްފައިވާ ސަރަހައްދަށް ލިބެމުންދާ ތަރުހީބަށް ބަލައި، އެ ސަރަހައްދުގެ ނަން "ހިޔަލަ މާކެޓް" އަށް ބަދަލުކޮށް، އެ ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާ ކަމަށެވެ.

ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ބީސީސީން ގުޅިގެން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި ކޮންމެ ހަފުތާ ބަންދަކު ދަނީ ހިޔަލަ ވީކެންޑް މާކެޓުތައްް ބާއްވަމުންނެވެ.

އެ މާކެޓާ ގުޅޭ އިތުރު މައުލޫމާތުދެއްވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހު އާދަމް، މީގެ ކުރިން "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ފުރަތަމަ 40 މީހުން މާކެޓުގައި ރަޖިސްޓްރީވެގެން ހުޅުވާލި ނަމަވެސް މިހާރު އެ މާކެޓުގައި ބައިވެރިވުމަށް 150 މީހުން ނަންނޯޓް ކޮށްފައިވާ ކަމަށެވެ.

"ހިޔަލަ ވީކެންޑް މާކެޓް ފުރަތަމަ ފެއްޓީ ހަފުތާ ބަންދު ދެ ދުވަހު އެކަނި ކުރިއަށްގެންދާ ގޮތަށް އެކަނި ނަމަވެސް ލިބޭ ތަރުހީބަށް ބަލައި ހަފުތާއަކު 18 މީހުންނަށް ފުރުސަތު ދެނީ. ދެން އަނެއްކާވެސް ރަޖިސްޓްރީކޮށްފަ ތިބޭ މީހުންގެ ތަރުތީބުން އެ މާކެޓުގައި ބައިވެރިވާން ފުރުސަތު ދެނީ،" ސާމިހު ވިދާޅުވެފައިވެއެވެ.

އެ ސަރަހައްދަކީ ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ހުޅުވާ ތަނެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސައިފައެވެ. އަދި ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ހިޔަލަ މާކެޓް" ގައި ދިގު މުއްދަތަކަށް ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް އެ ފުުރުސަތު މިހާރު މިވަނީ ހުޅުވާލައިފައެވެ.

ކިއޮސްކްތައް ކުއްޔަށް ނެގުމާ ގުޅޭ މައުލޫމާތު ބީސީސީގެ 3305555 ނަމްބަރާ ގުޅާލުމުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.