ޚަބަރު

މީހެއްގެ ފޭސްބުކް ހެކްކޮށްގެން އަތުލި 10،000 ރުފިޔާ ހޯދައިފި

މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށްގެން ހޯދި 10،000 ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ އެކައުންޓުގެ ކޮންޓްރޯލު ހޯދައި، އޮޅުވާލައިގެން މަކަރާއި ހީލަތުން އެހެން މީހެއްގެ ނަމުގައި ފައިސާތަކެއް ހޯދި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއިރުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓެއްގެ ވެރިފަރާތް ދެނެގަނެ، 10،700 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

އެ މައްސަލައިގައި މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަނުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކާއި ކޭޝްކާޑުތަކަކާއި ދިރާގާއި އުރީދޫ ސިމްތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.