ޚަބަރު

އަޅުގަނޑަކީ އިންޒާރަށް ލެނބޭނެ މީހެއް ނޫން، ގޮތް ނިންމާއިރު މީހެއްގެ މޫނަކަށް ނުބަލާނަން: އައްބާސް

އޭނާއަކީ އެއްވެސް ނުފޫޒަކަށް އަދި ބިރަކަށް ލެބޭނެ ބޭފުޅެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ހުރުން ދިން އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީޖީގެ މަގާމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސްގެ ނަން އެކަންޏެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އައްބާސްއާ އިންޓަވިއުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް އޭނާ ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު އެދިގެން ނުވަތަ އިރުޝާދު ދީގެން ނޫން ކަމަށެވެ. އެ މަގާމަށް އޭނާ ކުރިމަތިލާކަންވެސް މީޑިއާތަކަށް އެނގުނީ ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅި ހިސާބުން ކަމަށާއި އޭގެ ކުރިން އޭނާ އެ މަގާމަށް ޝައުގުވެރިވާކަން އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިހާތަނަކަށް މިނިސްޓަރަކުވެސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންވެސް ނޫނިއްޔާ ސިޔާސީ ބޭފުޅެއްގެ ފަރާތުންވެސް މި މަގާމަށް ކުރިމަތިލާކަށް ދަންނަވާފައެއް ނެތް. އަޅުގަނޑު ކުރިމަތިލުމާ ހަމައަށްވެސް." އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި ފަސް އަހަރުގެ ތެރޭގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލި އިރު، އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ލެނބިފައި ނުވާނެ ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އާންމު ގާނޫނާއި ހާއްސަ ގާނޫނުތަކެއް އޮންނައިރު، އާންމު ގާނޫނުގައި ކުށް ކަމަށް ކަނޑައެޅިފައިވާ ކަންކަމަށް ހާއްސަ ގާނޫނުތަކެއް ހެދިފައިވާ ކަމަށެވެ. އަދި އެއް ބާވަތެއްގެ ކުށްތަކުގައި އެކި ގޮތް ގޮތަށް ދައުވާ ކުރެވޭ ކުރުން ބަދަލުކުރުމަށް ހާއްސަ ގާނޫނުތަކުގައި ހުރި ކަންކަން އާއްމު ގާނޫނުގެ ތެރެއަށް ވައްދަންޖެހޭއިރު، އާއްމު ގާނޫނުގެ ތެރެއިން އެއް އުސޫލަކުން އެއް މިންގަނޑަކުން ދައުވާ ކުރެވޭނެ ގޮތަށް ގާނޫނީ ނިޒާމަށް ބަދަލު އަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޕީޖީ އޮފީސް ތެރޭގައި މިހާރުވެސް އެސްއޯޕީސް ހުންނާނެ. ދައުވާ ކުރާނެ އަމަލުކުރާނެ އުސޫލުތައް ނެތް ކަމަށް ވަންޏާ ހުރި އުސޫލުތައް ވެސް އަޅުގަނޑު ޕީޖީ ކަމަށް އައްޔަންވެއްޖެ ކަމަށްވަންޏާ އަޅުގަނޑު މުރާޖާ ކުރާނަން ކޮށްފައި ޕަބްލިޝް ކުރާނަން،" އައްބާސް ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ ދައުރުގައި ޕީޖީ އޮފީހުގެ ހިންގުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، ބައެއް މައްސަލަތަކުގައި ޝަމީމު ނިންމާފައިވާ ބައެއް ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީ އަރުވާ ޔަގީންކަމަކީ އެއްވެސް މީހެއްގެ މޫނަކަށް އަޅުގަނޑު ނުބަލާނަމޭ ހުށަހެޅިފައިވާ މައްސަލައަށް ބަލައިގެން ނޫނީ އަޅުގަނޑުގެ ޑިސިޝަނެއް ނުނަގާނަމޭ،" އައްބާސް ވިދާޅުވިއެވެ.