ޚަބަރު

އައްބާސް، ޕީޖީގެ މަގާމަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓް އައްބާސް ޝަރީފަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީކަމުގެ ޝަރުތު ފުރިހަމަވޭތޯ ކޮމިޓީން ވަނީ އައްބާސްއާ އިންޓަވިއުކޮށްފައެވެ.

ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަގާމަށް އައްބާސްގެ ޝަރުތު ފުރިހަމަވޭތޯ ބަލައި ކޮމިޓީން އެކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ. އަދި އައްބާސްއާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީން އައްބާސްއާ ކުރި އިންތަވިއުގައި 93.91 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އައްބާސްއަށް ރުުހުން ދޭން ފާސްކޮށްފައިވަނީ އެވަގުތު ކޮމިޓީ ބައްދަލުވުުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްޔަންކުރަން އައްބާސްއަށް މަޖިލީހުން ރުހުން ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ.

ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.

އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވައިފައެވެ. އަދި ރައީސް އަބުދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވައިފައެވެ.

ޕީޖީގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި، ހުސެއިން ޝަމީމު ޕީޖީކަމުން ވަކިކުރުމާ ގުޅިގެންނެވެ.

ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައި ވަނީ އުސޫލާ ހިލާފަށް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް މަޖިލީހުން އިތުބާރުނެތްކަމުގެ ވޯޓު ނެގީ އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.